ސިޓީ: ބަލާލި ކޮންމެ ދިމާލަކުން ރައްޔިތުންގެ ކަންބޮޑުވުން

އިރުއަރާފައި އިރުއޮއްސޭ ކޮންމެ ދުވަހަކީވެސް ރަށު ކައުންސިލާއިމެދު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް، ރަށު ކައުންސިލާއި ގުޅޭގޮތުން އެކި ޝަކުވާތައް ކުރަމުންދާ ދުވަހެކެވެ.

ނިލަންދޫގައި ކުނިނައްތާލުމުގެ މަސައްކަތްކުރަމުންދަނީ ތިމާވެއްޓަށާއި ޞިއްޙަތަށް ވަރަށް ބޮޑަށް ގެއްލުންލިބޭ ގޮތަށެވެ. ކުނި ކޮށިތަކުގެ ތޮށިތައް ހަލާކުވެ މޫދަށް ކުނިތައް ބޭރުވަމުންދާއިރު އެތަން ޙިމާޔަތްކުރަން މަސައްކަތް ނުކުރެއްވުމުގެ ސަބަބުން ވަރަށް ބޮޑު ޚަރަދެއްކޮށްގެންނޫނީ މަރާމާތު ނުކުރެވޭ ވަރަށް ކުނިކޮށިތަކުގެ ތޮށިތައް އެވަނީ ހަލާކުވެފައެވެ.

ހަމައެއާއިއެކު، ރަށުގައި އުފެދޭ ހުރިހާ ބާވަތެއްގެ ކުނި (ބެޓެރީއާއި ޕްލާސްޓިކާއި ދަގަނޑުގެ ބާވަތްތަކާއި ނެޕީ އާއި އެނޫންވެސް ހުރިހާ ބާވަތެއް) އެއްކޮށް އަޅަނީ، ގޮނޑުދޮށާ ގުޅުވައިގެން މޫދުތެރެއަށްވާގޮތަށް ހަދާފައިވާ ކުނި ކޮށްޓަށެވެ. މޫދަށް ކުނިއެޅޭގޮތަށް ކުނިގޮނޑު ނުހެދުމަށާ އެގޮތަށް ކުނިނައްތާލުމަކީ ނުރައްކާތެރި ކަމެއްކަމަށް، ފަންނީ ބޭފުޅުން ލަފާދެއްވި ނަމަވެސް ކައުންސިލުން އެކަމާ ކަންބޮޑުވާކަމަކަށް ނުފެނެއެވެ.

ނިލަންދޫ ގައި ސަރުކާރުން ޤާއިމުކޮށްފައިވާ އާރު.އޯ ފެންޕްލާންޓުގެ ބޭނުންނުކުރެވޭތާ ހައެއްކަ އަހަރުވަނީއެވެ. ނަމަވެސް  އެ ޕްލާންޓް މަރާމާތުނުކޮށް ހަލާކުވެގެންދާން އެވަނީ ދޫކޮށްލާފައެވެ. ފެން ޕްލާންޓް މަރާމާރު ކުރުމުގެ ވިސްނުމެއް ކައުންސިލް މެމްބަރުންގެ ނެތުން، ނުވަތަ އެމައްސަލަ ޙައްލު ކުރާނެ ގޮތެއް ނޭނގެނީ ކަމަށްވެސް ވެދާނެ އެވެ.

މަސްކައްކާ ހިއްކައިގެން ދިރިއުޅުން ހަމަޖައްސާ ރައްޔިތުންގެ ޢަދަދު އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ ހަމަ ރަށު ކައުންސިލެވެ. ނަމަވެސް އެމީހުންނަށް ދިމާވެފައިވާ ބިމުގެ މައްސަލަތަކާއި އެހެނިހެން ގޮންޖެހުންތަކަށް ޙާއްލެއް ހޯދައިދިނުމަށް ކޯޓުން ޙުކުމެއް ކޮށްފައިވީ ނަމަވެސް ކަހާތާ ހިރުވާލާހެންވެސް ހީނުވާ ކަހަލައެވެ.

ނިލަންދޫ ރައްޔިތުންގެ ނަމުގައި ހުރި ޢިމާރާތްތަކެއް ނުބެލެހެއްޓި ވީރާނާވަމުންދާއިރު އެތަންތަނުން ރައްޔިތުންނަށް ނަފާއެއް ލިބޭގޮތަށް އެތަންތަނުގެ ބޭނުންނުކޮށްހުންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެ ޢިމާރާތްތައް ކުއްޔަށްދޫކުރަން އިޢުލާނުކުރަނީވެސް އެއްވެސް މީހަކު ކުއްޔަށްނުހިފާނެ ކުރު މުއްދަތަކަށެވެ.  އެއިން ޢިމާރާތެއް ކުއްޔަށް ހިފާނީވެސް އެމީހަކަށް މަންފާއެއް ހޯދޭނެވަރުގެ މުއްދަތެއް ދީގެންނެވެ. ނަމަވެސް މިކަމަށްވެސް ވިސްނެވުމެއް ނެތެވެ.

ރަށުގެ އިޤުތިޞާދީ މަސައްކަތްތައް ހަބޭހަށް ކުރިއަރައިގެން އެއޮށްގެން ދަނީއެވެ. ކުރިން ކުރަމުން އައި ކުދި ވިޔަފާރިތަކާއި ކުރަމުންއައި ކުދި މަސައްކަތްތައް ދޫކޮށް، މިއަދު ރައްޔިތުން ވިސްނުން ހުރީ ބިޔަ ބޮޑެތި މަސައްކަތްތަކަށެވެ. މަދު މީހެއްގެ ޢާއިލީ ގޮތުން ވާރުތަެފައިވާ ފަޅު ގޯއްޗެއް އޮތަސް، އެންމެންނަށް އެކަންކަން ކުރުމަށް ގޯއްޗެއް ނެތެވެ. އަދި އަމިއްލަ ގޯތީގައި އެފަދަ މަސައްކަތްތައް ކުރެވޭނެ ޖާގައެއް ނެތެވެ.

ރައްޔިތުންނަށް ދިމާވެފައިވާ އެދަތިކަން ޙައްލު ކުރެވޭނެ ގޮތެއް ކައުންސިލްގައި ނެތް ކަމަކަށް ޤަބޫލެއް ނުކުރެވެ އެވެ. ބަލާލި ކޮންމެ ދިމާލަކުން ހުސް ބިމެވެ. ރަށުން އެފަދަ މަސައްކަތް ކުރުމަށް ހުސް ބިންކޮޅަކަށް އެދިއެދި އެތިބީ ކިތައް ރައްޔިތުން ހެއްޔެވެ.

އިޤުތިޞާދީ ގޮތުންވެސް މިއީ ރައްޔިތުންގެ މާލިއްޔަތު އިތުރުކުރެވޭނެ ވިސްނުމަކަށް ވީނަމަވެސް، އަދި ރައްޔިތުންނަށް މަންފާ ހޯދިދާނެ އެތަކެއް ބިންތަކެއް ހުރިއިރު އެބިންތަކުން މަންފާއެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ނެތެވެ.

*ނޯޓު: މިއީ ނިލަންދޫގެ ކަންކަން ގޮސްފައިވާ ޙާލަތާއި، އެކަންކަމުގައި ރަށު ކައުންސިލުން ޢަމަލު ކުރަމުންދާ ގޮތާއި، ރަށު ކައުންސިލްގެ ޒިންމާ އަދާކުރަމުންދާ މިންވަރު ބަޔާންކޮށް ނިލަންދޫ ރައްޔިތަކު ލިޔެފައިވާ ސިޓީގައި ހިމެނޭ މުހިއްމު ބައެއް ވާހަކަތަކެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*