ސިޓީ: ކަރަންޓް މައްސަލަތައް ޙައްލު ކުރަނީ އެއިރަކު ތިބޭ ބަޔަކު ފެންނަ ގޮތަކަށް

ނިލަންދޫގައި މިހާރު ޤާއިމުކޮށްފައިވާ ކަރަންޓުގެ ޚިދުމަތަކީ ވޯލްޑް ބޭންކުގެ ލޯނުއެހީގައި ދިވެހި ސަރުކާރުން ޤާއިމުކޮށްދީފައިވާ ޚިދުމަތެކެވެ.

މި ޚިދުމަތް ޤާއިމުކުރެއްވި އިރު ދިރާސާއެއް ކުރައްވާފައި ވެއެވެ. ޚިދުމަތް ދޭން ފެށުމަށްފަހު އެ ދިރާސާގައި ފާހަގަކުރެއްވި ވަރަށްވުރެ ކަރަންޓު ބޭނުންކުރާ މިންވަރު މައްޗަށް ދިއުމުން، ޚިދުމަތް ޤާއިމުކުރެއްވިތާ ގިނަ ދުވަހެއްނުވެ ކަރަންޓުގެ މައްސަލަތައް ޖެހެންފެށި އެވެ. ނަމަވެސް ރަށު ކައުންސިލްގެ މަސައްކަތްތައް ފެންނަ ފެނުމަށް ބައްޓަން ކުރެވިފައިވަނީ ދިމާވާ މައްސަލަތައް ޙައްލު ކުރުމަށް އިތުރަށް ބެލުމެއްނެތި، އެއިރަކު ޒިންމާ ނަގްނތިި ތިބި ބަޔަކަށް ފެންނަގޮތަށެވެ.

ނިލަންދޫ އިންޖީނުގޭގެ ކަރަންޓުގެ މައްސަލަތައް ޖެހެމުންދާތީ އެކަމުގެ ފަންނީ މީހަކު ގެނެސްގެން 2010 ޑިސެންބަރުގައި ދިރާސާއެއް ހަދައި 2011 ޖަނަވަރީގައި އެ ދިރާސާގެ މަޢުލޫމާތު ސިޓީއަކާއެކު ރަށުއޮފީހަށް ހުށަހަޅާފައިވާ ކަމަށް އެނގިފައި ވެއެވެ. އެ ދިރާސާގައިވަނީ ކަރަންޓުގެ މައްސަލަ ޙައްލުކުރަން އެދޭނަމަ އެންމެ ފުރަތަމަވެސް މިހާރު އަޅާފައިވާ މައި ކޭބަލް ބަދަލުކުރުމެވެ. ނަމަވެސް އެކަމަށް ބެލުމެއްނެތި، ކޭބަލް ބަދަލުނުކޮށް އޭގެފަހުން 2 ޖަނަރޭޓަރާއި ޕެނަލެއް ގެނެސްފައި ވެއެވެ.

ނަތީޖާއަށް ބައްލަވާށެވެ. މައްސަލަތައް ޙައްލުނުވެއެވެ. ހުއްޓުމެއްނެތި ބޮޑެތި ޚަރަދުތައް ކޮށްގެން އިންޖީނުތައް މަރާމާތުކުރަން ޖެހެނީ އެވެ. އަދި މިއަށްވުރެ ބޮޑަށް އަޅުގަނޑުމެން ހުރިހާ ރައްޔިތުން ކަންބޮޑުވަނީ ރައްޔިތުންނާއި ސީދާ ގުޅުންހުރި އަދި ދިރިއުޅުމަށްޓަކައި ކޮންމެހެން ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ބުރޫ އަރަމުން ދިއުމެވެ. ނަރުދާ ނިޒާމާއ،ި ތަޢުލީމީ މަރުކަޒާއި، ހޮސްޕިޓަލަށް އެކަށީގެންވާ މިންވަރަށް ކަރަންޓު ފޯރުކޮށްނުދެވޭތީ، އެތަންތަނުގެ މެޝިންތަކަށް ވަރަށް އަވަސް އަވަހަށް މައްސަލަ ޖެހެމުންނެވެ. ހަލާކުވަމުންނެވެ.

އޭގެ ފަހުން، ޙަޤީޤީ މައްސަލު ޙައްލުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އަނެއްކާވެސް 600 ކިލޯގެ ޖަނަރޭޓަރެއް ގެންނަން ނިންމައި، އެޖަނަރޭޓަރު ގެނަމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. މިހާރު ހުރި މައްސަލަތައް ޙައްކުނުކޮށް، މިކަން ކުރެއްވުމަކީ ބޭކާރު އެތައް ޚަރަދެއް ރައްޔިތުންގެ މާލިއްޔަތުން ޚަރަދުވެ، ރައްޔިތުންނަށް ވަރަށްބޮޑަތި ގެއްލުންތައް ކުރިމަތިވާނޭ ކަމެކެވެ.

ރައްޔިތުން ކަންބޮޑުވާ އަނެއް ކަމަކީ، ރައްޔިތުންގެ މާލިއްޔަތުން ބޮޑެތި ޚަރަދުތައް ކުރުމުގެ ކުރިން އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 73 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންނަށް އެކަމަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް، ޖަނަރޭޓަރާއި ޕެނަލް ގެނެސްފައިވައިވަނީ ރައްޔިތުންނަށް މަޢުލޫމާތު ދިނުމެއްނެތިއެވެ.

*ނޯޓު: މިއީ ނިލަންދޫގެ ކަންކަން ގޮސްފައިވާ ޙާލަތާއި، އެކަންކަމުގައި ރަށު ކައުންސިލުން ޢަމަލު ކުރަމުންދާ ގޮތާއި، ރަށު ކައުންސިލްގެ ޒިންމާ އަދާކުރަމުންދާ މިންވަރު ބަޔާންކޮށް ނިލަންދޫ ރައްޔިތަކު ލިޔެފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކުގެ ތެރެއިން ނިލަންދޫގައި ދެމުންދާ ކަރަންޓުގެ ޚިދުމަތާއި ގުޅޭގޮތުން ލިޔެފައިވާ ވާހަކަތަކެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*