ނިިމިގެންމިދާ ރަށު ކައުންސިލަށް ދޭނީ ކޮން ރިޕޯޓެއް -1

2017 ވަނަ އަހަރުގެ ކައުންސިލް އިންތިޚާއްބު މިވަނީ ބޯމަތިވެ، ލޯކަލް ކައުންސިލް އިންތިޚާބު 2017 ޖެނުއަރީ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާ، އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކަށް  މި ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ނިޔަަލަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަން ކޮމިޝަނުންވަނީ ހުޅުވާލާފައެވެ. އަދި އެކަމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވުމަށް މަސައްކަތްކުރަމުންދާ ކަމަށް އެކޮމިޝަނުންވަނީ ބުނެފައި އެވެ.

އަލަށް ކައުންސިލްތަކަށް މީހުންނަށް ވޯޓު ދިނުމުގައި ރައްޔިތުން ވިސްނާނެ އެވެ. ވަރަށް ގިނަ ކަންކަމަށް ބަލައި މިންކުރާނެ އެވެ.

އެގޮތުން ނިމިގެންމިދާ ދައުރުގައި ކައުންސިލް ހިންގަމުން އައި ގޮތާއި، ރަށުގެ ތަރައްޤީ އާއި ކުރިއެރުމަށް ކައުންސިލުން އިސްނަގައިގެން ކޮށްފައިވާ މަސައްކަތްތަކާއި، ސަރުކާރުގެ ތެރެއިން ކަންކަން ޙާޞިލް ކުރުމަށް ކޮށްފައިވާ މަސައްކަތްތާއި، ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތައް ޙައްލު ކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި، ކައުންސިލްގެ ޚަރަދުބަރަދު ބަލަހައްޓާފައިވާ ގޮތާއި، ކައުންސިލުން ރައްޔިތުންނާއި ބާއްވަމުން އައި ގުޅުމުގެ އިތުރުން، ފަރުދީ ގޮތުން ވަކިވަކި ކައުންސިލަރުންގެ ޢަމަލުތަކަށް، ވޯޓު ދިނުމުގެ ކުރިން ރައްޔިތުން ރިޢާޔަތްކުރާނެ އެވެ.

މި ލިޔުމުގައި އަލިއަޅުވާމިލަނީ ނިމިގެންމިދާ ދައުރުގައި ނިލަންދޫ ކައުންސިލްގެ މަސައްކަތްތަކުގެ ތެރެއިން ފައިސާ އާއި ގުޅުންހުރި ކަންކަމުގެ މައްޗަށެވެ.

ފުރަތަމަ ކަމަކަށް، ރައްޔިތުންގެ ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގައި ކައުންސިލުން ވަރަށް ބޮޑަށް އިހުމާލުވެ، މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ނުބެލެހެއްޓި، ޚިޔާނާތްތެރިވުމަށް މަގުފަހިވާ ވަރަށް ހިސާބުތައް އޮޅުންބޮޅުން އަރާފައިވާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އަދި އޮޅުންބޮޅުންގަނޑުގެ ތެރެއިން ރަށުގެ ވަކި ބަޔެއްގެ އަތުގައި އަބަދުވެސް ލައްކައިން ކައުންސިލްގެ ފައިސާ އިންވެސްޓް ކުރެވެމުންދާ ވާހަކައަކީ އަބަދުވެސް ރައްޔިތުންގެ މެދުގައި ދެކެވެމުން އަންނަ ވާހަކަ ތަކެކެވެ.

ކައުންސިލްގައި “ފެންނަންހުރި” ޞައްޙަ ލިޔެކިޔުންތައް ބަލާއިރު، ރައްޔިތުންގެ މާލިއްޔަތުގެ ހުރިހާ އައިޓަމްތަކެއްހެން ވަނީ “މައިނަސް” ވެފައި އެވެ.

ބޭންކުގައި 5 މިލިޔަނެއްހާ ފައިސާ ރައްކާކުރެވިފައިވާއިރު، ރަނގަޅު އިންވެސްޓެއް ކޮށްނުލެވުނުތާ، ބެންކުގައި ހުރި ފައިސާގެ ހިސާބު ކިތާބުވެސް އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓުމުގައި ކައުންސިލް ނުކުޅެދިފައިވާ ކަމަށް މިފައިސާގެ ޙަޤީޤަތް އެނގޭ ފަރާތްތަކުން ބުނާތީ އަޑުއަހަމެވެ.

ރަށުކައުންސިލްގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވިތާ 3 މަސްދުވަސްވީއިރުވެސް ބޭންކަށް ފައިސާ ޖަމާނުކޮށް ހުއްޓާ 2015 ޖުލައި މަހުގެ ތެރޭގައި ރަށުކައުންސިލްގެ އިދާރާގެ ތިޖޫރީ ފަޅާލައިގެން އޭގައިހުރި 570،000/- (ފަސްލައްކަ ހަތްދިހަ ހާސް) ރުފިޔާ ވަގަށް ގެންދިޔަ ވާހަކައަކީ ބާވެފައިވާ ވާހަކައެވެ. މިހާތަނަށްވެސް ޙަޤީޤަތް ހޯދިފައިނުވާ އެ ވައްކަމުގައި ގެއްލުނު ފައިސާގެ ތެރޭގައި މިނިވަން 50 ގެ ޙަރަކާތްތަކަށް ރައްޔިތުންގެ މާލިއްޔަތަށް ލިބުނު 3 ލައްކައެއްހާ ރުފިޔާ ވެސް ހިމެނެ އެވެ.

ނިލަންދޫ ކައުންސިލަށް ޕިކަޕެއް ގަތުމަށް ސަރުކާރުން 3 ލައްކަ ރުފިޔާ ދީފައިވަނީ 2015 އެޕްރީލް މަހުގައިއެވެ. ނަމަވެސް ‘ރިޒާނާ ކައުންޓަރ” ކިޔާ ކުންފުންޏާއި ޕިކަޕް ގަތުމަށް ޙަވާލުކޮށް، ޕިކަޕުގެ އަގުގެ 92%  އަށްވާ 276،000/- (ދެލައްކަ ހަތްދިހަ ހަހާސް) ރުފިޔާ 2015 ގައި އެއްފަހަރާ ރިޒާނާ ކައުންޓަރ ކުންފުންޏާއި ހަވާލުކޮށްފައިވީ ނަމަވެސް، އެ ޕިކަޕަށް ނުވަތަ އެފައިސާއަށް ނުވަތަ ފައިސާ ދިން މީހާއާއި އޭނާގެ “ރިޒާނާ ކައުންޓަރ” އަށް ވީގޮތް އެނގޭ އެކަކުވެސް ނެތެވެ.

ސަހަރާގެ މަސައްކަތަށް 3 ލައްކަ ރުފިޔާ ސަރުކާރުން ހަމަޖައްސައިދިންތާ ދުވަސްތަކެއް ވެފައި ވަނިކޮށް މިހާރު އަދި ކިރިޔާ އެމަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް އެނގިފައި ވެއެވެ.

ކުނިގޮނޑި މިހާރު އޮތް ޙާލަތު ރަނގަޅު ކުރުމަށް 5 ލައްކައަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހަމަޖައްސައިދިންތާ އެތައް ދުވަހެކެވެ. މިކަމާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކޮށްލުމަށް ކައުންސިލްގެ އިސް ބޭފުޅަކަށް ދަންނަވާލުމުން ބުނެފައިވަނީ “ހަމަޔަޤީނުންވެސް ކުނިގޮނޑުގެ އެއްވެސް މަސައްކަތެއް ކުރިއަށްނުދާ ކަމަށާއި، ކުރިއަށް ނުގޮސްގެން އުޅެނީ ކުނިގޮނޑުގެ ބިމާއިމެދު ޚިޔާލުތަފާތު ވެގެން”ނެވެ.

މިއީ ރައްޔިތުންގެ ލޯ ކުރިމައްޗަށް ފެންނަން ހުރި ބައެއް ޙަޤީޤަތެވެ. މިކަންކަމާއިމެދު ވިސްނާ ފިކުރުކޮށް، ނިމިގެންމިދާާ ކައުންސިލަށް ދޭނެ ރިޕޯޓެއް ނިންމާނީ، ވޯޓު ދޭންތިބި ރައްޔިތުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*