“ރަށުގެ ބައެއް ހިސާބުގައި ނޯއް ދަމާލަންވެސް ނުކެރޭ”

ޢީދު މިސްކިތް މަގުން ނަޖިސް އަރާތީ، އެކަމާ ކަންބޮޑުވެގެން މީހަކު މަގު ބައްދަނީ (ފޮޓޯ: އެފްބީ)

“ރަށުގެ ބައެއް ހިސާބުގައި ނޯއް ދަމާލަންވެސް ނުކެރޭ” މިއީ އަޅުގަނޑާ ބައްދަލުވި ނިލަންދޫ މީހަކު މިދާކަށް ދުވަހު ބުނި ވާހަކަ އެކެވެ. އާދައިގެ ކަމަކާ ގުޅޭގޮތުންނެއް ނޫނެވެ. ނިލަންދޫގައި އަޅާފައިވާ ނަރުދަމާ ނިޒާމުގެ ޖަންކްޝަންތައް ފުރި އެކި މަގުތަކުން ނަޖިސް އަރާތީއެވެ.

ނިލަންދެ.ކޮމް އިން އިންޓަވިއު ކުރި ބައެއް މީހުން ބުނާ ގޮތުން ނަޖިސް އަރާތީ ކައުންސިލްގައި މައްސަލަ ޖެއްސުނު ޢަދަދެއް ވެސް ނޭނގެއެވެ. ނަމަވެސް މިއަދު ކައުންސިލްގެ ޒިންމާދާރު މަޤާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވަނީ “ދެން ތިކަމުގައި އަހަރުމެން ކުރާނީ ކީއް” މިހެން ކަމަށް އެކަކު ބުންނެވެ. އޭނާ ވެސް ފާހަގަކުރި ގޮތުން ޖަންކްޝަންތައް ސާފުކޮށްގެން ނަރުދަމާ ނިޒާމް ޙައްލަކަށް އެޅުވޭތޯ ކައުންސިލުން ވަރަށް ބުރަކޮށް މަސައްކަތް ކުރެއެވެ. ނަމަވެސް ރައްޔިތުންގެ މުވައްޒަފުން ހިންދެމިނުލައި ސާފުކުރިޔަސް ދަނީ އޮބި ނޯވެގެންނެވެ.

އޭގެ ތެރެއިން އެއް މިސާލަކީ ޢީދުމިސްކިތް މަގުގައި ހުރި ޖަންކްޝަންތަކެކެވެ. ސާފުކޮށްފައި ސާފުކުރިޔަސް އެތަނުން ނަޖިސް ނާރާ ވަގުތެއް ނުދެއެވެ. އެ ސަރަޙައްދުގައި ދިރި އުޅޭ މީހަކު ކިޔައިދިން ގޮތުގައި އެތަނުގައި އުޅޭ ބައެއް މީހުން މިކަމުގެ ސަބަބުން ބަލިވެ، ކުޑަކުދިންނަށް ދަނީ ނޭދެވޭ އަސަރުކުރަމުންނެވެ. އެއްމެފަހުން އެ ސަރަޙައްދުގައި އުޅޭ މީހަކުވަނީ ނަޖިސް އަރައި ސަރަޙައްދު ތަޣައްޔަރުވެގެން، އެމަގު ހުރަހަށް ކޮށިގަނޑެއްވެސް އަޅާފައެވެ.

ނަރުދަމާ ނިޒާމުގެ ޕަންޕް ސްޓޭޝަންގައި ހުރި ގިނަ ޕަންޕްތައް ވަނީ ހަލާކުވެފައެވެ. އެސިސްޓަމްގައި ނަޖިސް ސާފުކޮށް ގަސްކާނާއަށް ބަދަލުކޮށްދިނުމާއި، ނަޖިސްފެން، ރަށުގެ ފެންފަށަލައަށް ފޮނުވަން ހެޔޮވަރުވަރަށް ސާފުކޮށްދޭ ފިލްޓަރުތައް ހުރި ބެރަލްތައް ބޭނުން ނުކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. މައި ސްޓޭޝަނުން މޫދަށް ނަޖިސް ފޮނުވުމަށް ގުޅާފައި އޮތް ހޮޅި ރަށުގެ ގޮނޑު ދޮށާ ހިސާބުން ވަނީ ފޫވެއްޓިފައެވެ. ރަށުތެރޭގައި ހުރި ޖަންކްޝަންތަކުގައި ހަރުކޮށްފައިވާ އޮޓޯ ސްވިޗްތައްވަނީ ހަލާކުވެފައެވެ. މިއީ އެއްދުވަހުން ދެދުވަހަކުން ވެފައިވާ ކަމެއް ނޫނެެވެ. އެތައް އަހަރަކުން ސިސްޓަމް ވެއްޓިފައިވާ ދަރަޖައެވެ. ސިސްޓަމް މިހާ ދޯހަޅިވެފައި ހުރިޔަސް “ދެން ތިކަމުގައި އަހަރުމެން ކީއްކުރާނީ” ކީއްހޭ ބުނުން މިއީ ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމަކަށް ނުވާނެއެވެ.

ދެން އެހެން ކަމެކެވެ. ކުނި ގޮނޑުގެ ސަބަބުން އެސަރަޙައްދުގައި އުޅޭ ރައްޔިތުންނަށް އެވަނީ ނަރުދަމާ ނިޒާމުގެ އިތުރުން ކުނިގޮޑުން އަރާ ވަހުން “ނޯއްދަމާލަން ނުކެރިފަ” އެވެ. ކުނި ނައްތާލާ ނިޒާމެއް ގާއިމްކުރުމަށް ސަރުކާރުން ފައިސާ ހަމަޖައްސާ ދެއްވާފައިވާތާ، ގާތްގަނޑަކަށް އަހަރުދުވަސްވީއިރު، އަދި އެ މަސައްކަތް ވަނީ ނުފެށިއެވެ. ފަށާނެކަމުގެ ކޮޅުމައްޗެއް ވެސް ނުފެނެއެވެ. މީގެ އިތުރުން، ކުނި ނައްތާލުމުގައި ބޭނުން ކުރުމަށް، ޕިކަޕެއް ގަންނަން ތިންލައްކަ ރުފިޔާ ސަރުކާރުން ދޫކޮށްފަވާތާ ދެ އަހަރު ދުވަސްވަނީ އެވެ. ޕިކަޕުގެ ހިލަމެއްވެސް އަދި ނެތެވެ.

ތަނެއްގެ ސާފުތާހިރު ކަމަކީ، އެތަނެއްގައި ދިރިއުޅޭ ރައްޔިތުން ދުޅާހެޔޮ ޞިއްޙަތެއްގައި ތިބުމަށް ކޮންމެހެން ވެސް މުހިންމު ކަމެކެވެ. ނަމަވެސް، މިނިސްޓްރީ އޮފް ހެލްތުން ދާދިފަހުން އެކުލަވާލި ތަފާސް ހިސާބަކުން ދައްކާގޮތުގައި މާލެ ސަރަޙައްދު ފިޔަވައި އެންމެ ގިނަ ބަލިތައް އޮތީ ނިލަންދޫގައެވެ.

ނިލަންދޫ ރައްޔިތުންނަކީ ގޮވާލާ ކޮންމެ ކަމަކަށް އިޖާބަދޭ މުރާލި ރައްޔިތުން ތަކެކެވެ. މިފަދަ މައްސަލަތަކަށް ޙައްލު ލިބޭނީ މިހާރަށްވުރެ ބޮޑަށް ކަންކަމަށް ކައުންސިލް އިސްނަގައި މުރާލިވެގެންނެވެ. ވަޒީފާގައި ދެމި ތިބިހާދުވަހަކު ޚިދުމަތް ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ދެނެގަނެގެނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*